ޒިކުރާ 13 ވަނަ ޤުރުއާން މުބާރާތް މުޅި ރާއްޖޭގެ ބޮޑު ތަރުޙީބަކާއެކު ނިންމާލައިފި
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި "ޒިކުރާ 13 ވަނަ ޤުރުއާން މުބާރާތް" އޭޕްރިލް 23 އިން 26 އަށް އެ ކޮލެޖުގެ ހޯލުގައި ބޭއްވުމަށްފަހު، ކާމިޔާބުކަމާއެކު މިހާރު ވަނީ ނިންމާލާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 421 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީ އާއި ހުވަދު އަތޮޅުން ދަތުރުކޮށްގެން އައިސް ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭއިރު، މިއީ މުބާރާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޒިކުރާ ކޮލެޖުން ފާހަގަކުރެއެވެ.
މި މުބާރާތް ކުރިއަށްދިޔައީ 6 އަހަރުންދަށުން ފެށިގެން 17 އަހަރުން މަތީގެ ޢުމުރުފުރާ ހިމެނޭހެން ޖުމްލަ 8 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގޮފިތަކަކީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފިއެވެ. ކޮލެޖު ހޯލުގައި ކުރިއަށްދިޔަ މި މުބާރާތް ލައިވްސްޓްރީމް މެދުވެރިކޮށް ގިނަ ބަޔަކަށް ބަލާލުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ރޫޙު އާލާކުރުމާއި، މަރުޙޫމް ހުވަދަގެވަޙީދު އަދި ރޯޒުމީޑް އަޙްމަދު ޢަލީދީދީގެ ހަނދާން އާކުރުމެވެ.
މުބާރާތުގެ ނަތީޖާއަށް ބަލާއިރު، ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ޒާރާ ބިންތް މުސްލިމް އެވެ. ދެވަނަ އަމްޙަލް މުޙައްމަދު އިސްމާއީލް ހާސިލްކުރިއިރު، ތިންވަނަ ހާސިލްކުރީ ފާޠިމަތު މިޝާ ސަވާދު އެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ އަރީކް ހާދީ މުޙައްމަދު އެވެ. ދެވަނަ މުޙައްމަދު ހިޛްޔަމް ހުޝާމް ހާސިލްކުރިއިރު، ތިންވަނަ ހާސިލްކުރީ އާއިޝަތު އަޒްކާ އިބްރާހީމް އެވެ.
މުބާރާތުގެ ދެ ގޮފިން އެއްވަނަ ހޯދި ދަރިވަރުންނަށް ޢުމްރާ ދަތުރެއް ދީފައިވާއިރު، ދެވަނަ އަދި ތިންވަނަ ދަރިވަރުންނަށް ވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯސްތަކުން ސްކޮލަރޝިޕް ދީފައެވެ.
އެންމެ މޮޅު މުއައްސަސާތަކަށްދޭ "ހުވަދަގެ ވަހީދު" ގެ ހަދާނީ ފިލާ އާއި ފައިސާގެ އިނާމު ހާސިލްކުރީ ބަލައިގެން ކިޔެވުމުގެ ގޮފިން މިސްކިތްމަގު އެންމެންގެ ގުޅުން އަދި ނުބަލައި ކިޔެވުމުގެ ގޮފިން ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލެވެ.
މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ އަސްރާރު އިބްރާހީމް، ޢަލީ އިބްރާހީމް އަދި އަޒްލީނާ އިބްރާހީމްއެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ޚާއްޞަ އެއް ކަމަކީ އިދާރީ މަސައްކަތްތަކާއި ފަނޑިޔާރުންގެ މާކްސް ދިނުން ފުރިހަމައަށް ޑިޖިޓަލައިޒްކޮށްފައިވުމެވެ. މިކަމާ ގުޅޭގޮތުން ބައިވެރިވި މުއައްސަސާއެއްގެ އިސް ބޭފުޅަކު ވިދާޅުވީ ޑިޖިޓަލްކޮށް އިދާރީ މަސައްކަތްތައް ދިޔަގޮތް ވަރަށް ފުރިހަމަ ކަމަށެވެ. ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި މުބާރާތް ބާއްވާނެކަން ކަށަވަރުކޮށްދީފައެވެ. އަދި މިއަންނަ އަހަރުގެ މުބާރާތަށް މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ.